Wednesday, December 23, 2015

Module Name: Islamic Studies

އޯޕަން ޔުނިވަރސިޓީ މެލޭޝިޔާ
ފެކަލްޓީ އޮފް އެޑިޔުކޭޝަނަލް ސްޓަޑީސް
ED003
އިސްލާމިކް ސްޓަޑީސް
ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް

އާދަމް ޚަލީލް


ލެކްޗަރާސް: ޢަބްދުއްޞަމަދު/ ޑރ. ޢަބްދުއްސައްތާރު
ލަރނިންގ ސެންޓަރ: ވިލާ ކޮލެޖް

ޓްރިމެސްޓަރ: ޖެނުއަރީ 2013

ފިހުރިސްތު


c

އިސްބަސް

ދުނިޔޭގައިވާ އެންމެހައި މަޚްލޫޤުންގެ މައްޗަށް އިންސާނާ މާތްކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި އެކަލާންގެ ރަސޫލާ މުޙަންމަދުއްz  ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.
ކައިވެނި ބާއްޖަވެރިކުރުމަށްޓަކައި ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެއްވެއެވެ. މިގޮތުން ކައިވެނީގެ ޚުތުބާގައި މި ޙައްޤުތައް އަދާކުރުމަށް ދެމީހުންނަށްވެސް އިލްތިމާސްކުރެއެވެ. މިގޮތުން އެކަކު އަނެކަކު ދެކެ ލޯބިވުމަށާއި ވަފާތެރިވުމަށް ނަސޭހަތްތެރިވެއެވެ.
މި އެސައިންމަންޓުގައި އަޅުގަނޑު ހިމަނާފައިވާނީ ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތަކެވެ. އަޅުގަނޑަށް މި އެސައިންމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ.
23 ފެބްރުއަރީ 2013

 

ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް

1 - ފެށުން:

މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި އެކަލާންގެއަށް އަޅުކަންކުރުމާއި ދުނިޔެ އާރާސްތުކުރުން ހިމެނެއެވެ. މިކަންތައްތައް ކުރެވޭނީ ރަނގަޅު މުޖުތަމަޢެއް ބިނާކުރެވިގެންނެވެ. މިގޮތުން އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި ދެމިއޮތުމަށްޓަކައި ކައިވެނި ވަނީ ޝަރުޢުކުރައްވާފައެވެ. ކައިވެނީގެ މައިގަނޑު މަޤްސަދަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުން ކަމުގައިވާއިރު، މިކަން ފުރިހަމަކުރުމަށްޓަކައި ދެމަފިރިން އެކަކު އަނެކަކުގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ. މިގޮތުން އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކާއި، ފިރިމީހާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކާއި، ދެމަފިރިންނަށް ޚާއްޞަ ޙައްޤުތަކެއްވެއެވެ. އެހެންކަމުން، މި އެސައިންމަންޓުގައި މިކަންތައްތަކަށް އަލިއަޅުވާލާނަމެވެ.
މި އެސައިންމަންޓުގެ މައިގަނޑު މަޤްސަދަކީ ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް ދެނެގަނެ އެކަންތައްތައް އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް އެހީތެރިވުމެވެ. މި އެސައިންމަންޓުގައި ހިމަނާފައިވާ މަޢުލޫމާތުތައް ބިނާވެފައިވާނީ ކީރިތިޤުރުޢާނާއި ކީރިތި ރަސޫލާ މުޙަންމަދުއް z ގެ ސުންނަތުގެ އަލީގައި އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ލިޔުއްވުންތަކަށެވެ.

2 - އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންޖެހޭ ޙައްޤުތައް:

2.1 – ފިރިމީހާއަށް ޤަދަރުކޮށް އިޙްތިރާމްކުރުން:

އަނބިމީހާގެ ބަލަދުވެރިޔަކީ ފިރިމީހާ ކަމުގައިވުމުން އަބަދުވެސް ފިރިމީހާއަށް ޤަދަރުކޮށް އިޙްތިރާމް ކުރަންޖެހޭނެއެވެ. ކީރިތި ޤުރުޢާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ "الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ" (ސޫރަތުއްނިސާ، 34) މާނައީ؛ "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތް ކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ" (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). އަދި ކީރިތި ރަސޫލާz  ޙަދީޘް ކުރައްވާފައިވެއެވެ. " لو كنت آمرا أحدا أن يسجد لأحد لأمرت النساء أن يسجدن لأزواجهن لما جعل الله لهم عليهن من الحق " މާނައީ: "އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރާން ތިމަންކަލޭގެފާނު އަމުރުކުރައްވާނެނަމަ އަނބީން އެކަނބަލުންގެ ފިރިންނަށް ސަޖިދަ ކުރަން އެންގެވީމުހެވެ" (އަބޫބަކުރު ޢިބްރާހިމް ޢަލީ، 2007).

2.2 – ފިރިމީހާއަށް ކިޔަމަންވުން:

މާތްﷲ އަށް އުރެދުމެއް ނުވާ އެންމެހާ ކަމެގައި ފިރިމީހާއަށް ކިޔަމަންވާންޖެހެއެވެ. ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. "إذا دعى الرجل امرأته الى فراشه فلم تأته فبات غضبان عليها لعنتها الملائكة حتى تصبح" މާނައީ؛ "ފިރިމީހާގާތު ނިދަން އައުމަށް އަނބިމީހާގެ ކިބައިން ފިރިމީހާ އެދުމަށްފަހު އަނބިމީހާ ނައިސް އޮވެއްޖެނަމަ ފަތިސްވާންދެން މަލާއިކަތުން އެ އަންހެނަކަށް ލަޢުނަތް ލައްވާނެތެވެ." ކަންމިހެން އޮތުމުން ސިއްރާއި ފާޅުގައިވާ ކަންތައްތަކުގައި ފިރިމީހާއަށް ކިޔަމަންވާންޖެހޭނެއެވެ (އަބޫބަކުރު އިބްރާހިމް ޢަލީ، 2007).

2.3 – ފިރިމީހާގެ ތަކެއްޗަށް ރައްކާތެރިވެ ފަރުވާތެރިވުން:

ފިރިމީހާގެ ދަރިންނާއި އަދި ގެޔާއި މުދާ ބެލެހެއްޓުމުގައި އަނބިމީހާ ފަރުވާތެރިވާންޖެހެއެވެ. ރަސޫލާ z  ޙަދީޘް ކުރައްވާފައިވެއެވެ. "والمرأة راعية على اهل بيت زوجها وولده وهي مسئولة عنهم" މާނައީ؛ "އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ އަހްލުވެރިންނާއި ފިރިމީހާގެ ދަރިންގެ ކަންތައްތައް ބަލަހައްޓާ ވެރިއެކެވެ. އެމީހުންގެ ކަންތައްތަކާމެދު އެކަނބުލޭގެއާ ސުވާލުކުރެވޭނެއެވެ" (އަބޫބަކުރު އިބްރާހިމް ޢަލީ، 2007).

2.4 – ފިރިމީހާއަށް ޝުކުރުކުރުން:

ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބޭ ގިނަގުނަ ހެޔޮކަންތައްތަކަށް ޝުކުރުކުރަންޖެހެއެވެ. މިފަދައިން ޝުކުރުނުކުރާ އަނބިންނަށް ހުރި ނުރައްކާ ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ z  ޙަދީޘް ކުރައްވާފައިވަނީ "ان الله لا ينظر الى المرأة لاتشمر زوجها" މާނައީ؛ "ފިރިމީހާގެ ޙާލާމެދުގައި ޤަބޫލުވެ ޝުކުރުނުކުރާ އަނބިމީހާގެ ކިބައަށް މާތްރަސްކަލާނގެ ބައްލަވާވޮޑި ނުގަންނަވާނެއެވެ" (ޢަބްދުﷲ ފަޙުމީ ދީދީ، 2007).

2.5 – ފިރިމީހާގެ އަބުރު ރައްކާތެރިކުރުން:

ފިރިމީހާގެ އަބުރަށްޓަކައި އަނބީންގެ އިއްފަތަށް ރައްކާތެރިވާންޖެހެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ" (ސޫރަތުއްނިސާ 34) މާނައީ؛ "ފަހެ، ޞާލިޙް އަންހެނުންނަކީ މަތިވެރި މާތްﷲ އަށާއި، އަދި ތިމާގެ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް ކިޔަމަންތެރިވާ އަންހެނުންނެވެ. އަދި ފިރިމީހާ ނެތް ވަގުތުގައިވެސް އޭނާގެ ހުރިހާ ކަމަކާމެދު ރައްކާތެރިވެގެން ހުންނަ އަންހެނުންނެވެ" (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). މިކަމުގެ މުހިންމުކަމާމެދު ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. "المرأة الصالحة اذا نظر اليها سرته واذا غاب عنها حفظته" މާނައީ؛ "ޞާލިޙް ރަނގަޅު އަނތްބަކު ވިއްޔާ ފިރިމީހާ އެކަނބުލޭގެއަށް ބަލައިފިނަމަ އޭނާގެ ރިވެތިކަމާއި އަޚުލާޤު ރަނގަޅުކަމުން ފިރިމީހާ އުފާވާނެއެވެ. އަދި އެކަނބުލޭގެއަށް އަމުރުކޮށްފިނަމަ ފިރިމީހާއަށް ކިޔަމަންތެރިވާނެއެވެ. އަދި ފިރިމީހާ އެކަނބުލޭގެ ކިބައިން ޣައިބުވެއްޖެނަމަ ފިރިމހާގެ ކަންތައްތައް ރައްކާތެރިކޮށްދޭނެއެވެ" (އަބޫބަކުރު އިބްރާހިމް ޢަލީ، 2007).

2.6 – އަނބިމީހާއަށް އަދަބު ދިނުމުގެ ޙައްޤު:

އަނބިމީހާގެ އެންމެހާ ކަމެއް އިޞްލާޙްކޮށް ހެޔޮކަމަށް ޢަމުރުކުރަންޖެހެއެވެ. ފިރިމީހާއަށް ލިބިފައިވާ ހުދޫދުގެ ތެރޭގައި ކުރާ އަމުރުތަކަށް ނުކިޔަމަންވާނަމަ އެކަނބަލުންނަށް އަދަބުދިނުމުގެ ޙައްޤު ފިރިމީހާއަށް ލިބިގެންވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ" (ސޫރަތުއްނިސާ 34) މާނައީ؛ "އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ ފަހެ، އެކަނބަލުންނަށް ނަޞޭހަތް ދޭށެވެ. އަދި އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ. އަދި އެކަނބަލުންގެ ގައިގައި ޖަހައިގެން އަދަބުދޭށެވެ." (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008).

3 - ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބިގެންވާ ޙައްޤުތައް:

3.1 – ކައިވެނީގެ ރަން:

މިއީ ދެމަފިރިން ކައިވެނީގެ ގޮތުން ގުޅުމުގައި، ފިރިމީހާ އަނބިމީހާއަށް ދިނުމަށް ވާޖިބުވެގެންވާ ޝަރުޢީ ގޮތުން ހުއްދަ އެއްޗަކަށް ކިޔާ ނަމެކެވެ. ރަނުގެ ގޮތުގައި ވަކި މިންވަރެއް ކަނޑައެޅިގެންނުވެއެވެ. ރަންދިނުމާބެހޭ ގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَآَتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً فَإِنْ طِبْنَ لَكُمْ عَنْ شَيْءٍ مِنْهُ نَفْسًا فَكُلُوهُ هَنِيئًا مَرِيئًا "  (ސޫރަތުއްނިސާ، 04) މާނައީ؛ "އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުން ރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!" (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008).

3.2 – ރަނގަޅު ގޮތުގައި އަނބިން ގެންގުޅުން:

ފިރިމީހާގެ ބެލުމުގެ ދަށުގަ އިންނަ އަނބީންނާމެދު ހެޔޮކޮށް ހިތުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ޢިއްދާގައި ތިބޭ އަނބިންނަށް ރަނގަޅަށް ކަންތައް ކުރުމަށް ކީރިތި ޤުރުއާނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. ވުމާއެކު އަނބީންނާމެދު ކަންތައް ކުރަންޖެހޭނެކަން ހާމަވެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ "أَسْكِنُوهُنَّ مِنْ حَيْثُ سَكَنْتُمْ مِنْ وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ وَإِنْ كُنَّ أُولَاتِ حَمْلٍ فَأَنْفِقُوا عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ" (ސޫރަތުލްޠަލާޤު، 6) މާނައީ؛ "ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭ ތަނެއްގައި އެކަނބަލުން (ވަރިކޮށްފައި ޢިއްދާގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ! އަދި އެކަނބަލުންނަށް ދަތިކުރުމަށްޓަކައި، ތިޔަބައިމީހުން އެކަނބަލުންނަށް ގެއްލުން ނުދޭށެވެ. އަދި މާބަނޑު އަންހެނުން ކަމުގައި އެކަނބަލުން ވެއްޖެނަމަ، ފަހެ، އެކަނބަލުން ދަރި ވިހައިފުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނަށް ޚަރަދުކުރާށެވެ!" (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). އަދިހަމަ އެހެންމެ ޙައްޖަތުލްވަދާޢުގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ރަސޫލާ z  ވަޞިއްޔަތް ކުރައްވަމުން ޙަދީޘް ކުރައްވާފައިވަނީ "ولهن عليكم رزقهن وكسوتُهنَّ بالمعروف" މާނައީ؛ "ތިޔަބައިމީހުން އެކަނބަލުންނަށް އެކަނބަލުން ކާނެތަކެތި އަދި އަންނައުނު ހެޔޮގޮތުގައި ދޭހުށި ކަމެވެ." (ސަޙީހުލް މުސްލިމް، ކިތާބުލްހައްޖި).

3.3 – އަދަބުވެރިކުރުވުން:

އިސްލާމްދީނުގެ މަގަށް އަނބިމީހާ އަދަބުވެރިކުރުވަންޖެހެއެވެ. ހަމައެއާއެކު ފިރިމީހާއަށް ކިޔަމަންތެރިވާނޭ ރަނގަޅުގޮތް ދަސްކޮށްދޭންޖެހެއެވެ. މިކަމާގުޅޭ ގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا" (ސޫރަތުއްނިސާ، 34) މާނައީ؛ "އެކަނބަލުން ނުކިޔަމަންތެރިވެދާނެ ކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތްދޭށޭވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި އެކަނބަލުންނގެ ގައިގައި (ހާނީއްކަ ނުވާގޮތަށް) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި)މަގަކަށް ނޭދޭށެވެ!" (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008).

3.4 – ދީނީކަންކަމަށް ހޭލުންތެރިކުރުވައި، ދީންމަތީގައި ސާބިތުކުރުވުން:

ދީނުގައި ކުރުމަށް އަންގަވާފައިވާ ކަންތައްތައް ކުރަންނޭނގޭ ޖާހިލު އަނތްބެއްނަމަ، އެކަން އޮންނަގޮތް ބުނެދީ ދީނީގޮތުން އޮޅުން ފިލުވައިދޭންޖެހޭ ކަންކަން ފިރިމީހާ އަނބިމީހާއަށް އޮޅުންފިލުވައިދޭންޖެހޭނެއެވެ. އަނބީންނަކީ ފިރިމީހާއާ އެންމެ ގާތް އަހްލުވެރިންނެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައި ވަނީ "يَا أَيُّهَا الَّذِينَ آَمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا" (ސޫރަތުއްތަޙްރީމް، 6) މާނައީ؛ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ!" (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). އަދި މީގެ އިތުރުން ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން ކުރުމާއި، ކުރަން އަންގަވާފައިވާ ކަންކަން ނުކުރާނަމަ، މިކަމަށްވެސް ބާރު އަޅުއްވަންވާނެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙިކުރައްވާފައިވަނީ "الرِّجَالُ قَوَّامُونَ عَلَى النِّسَاءِ" (ސޫރަތުއްނިސާގެ، 34) މާނައީ؛ "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމްވެގެން ތިބޭ ބައެކެވެ." (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008).  ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. " والرجل راع في اهله وهو مسئول عن رعيته " މާނައީ؛ "ފިރިމީހާއީ އޭނާގެ އަނބިމީހާ ބަލަހައްޓާ އަދި އޭނާގެ ވެރިޔާއެވެ. އަދި އޭނާއަކީ އޭނާ ބަލަހައްޓަން ހަވާލުވެވިފައިވާ މީހުންގެ ކަންތައްތަކާމެދު ސުވާލު ކުރެވޭނެ މީހެކެވެ." (ސަޙީހުލް ބުޚާރީ، ކިތާބުލްޖުމުޢަ).

3.5 – އަނބީންގެ މެދުގައި ހަމަހަމަކުރުން:

އެއް އަނތްބަކަށްވުރެ ގިނަ އަނބީން ތިބިނަމަ، އެކަނބަލުންގެ މެދުގައި ހަމަހަމަކަމާއެކު ކަންތައްތައް ކުރަންޖެހޭނެއެވެ. މިކަން ބަޔާންކޮށްދެއްވަމުން ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ "فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ" (ސޫރަތުއްނިސާ، 3) މާނައީ؛ "ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ." (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). އަދި ހަމައެހެންމެ ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. " من كانت له امرأتان فمال إلى إحداهما جاء يوم القيامة وشقه مائل " މާނައީ؛ "ދެ އަނބީން ތިބި މީހަކު އެއް އަނތްބެއްގެ ފަރާތަށް ބޮޑަށް ލެބޭނަމަ ޤިޔާމަތްދުވަހުން އޭނާ ހުންނާނީ އެއްފަޅި އެލިފައެވެ. ނުވަތަ އެއްފަޅި ވާވެފައެވެ." (އަބޫދާއޫދު، ކިތާބުލްނިކާހި).

4 - ފިރިމީހާ، އަދި އަނބިމީހާއަށްވެސް ލިބިގެންވާ ޙައްޤުތައް:

4.1 – ޖިންސީ އަރާމު ލިބިގަތުމުގެ ޙައްޤު:

އިސްލާމްދީން ހުއްދަކުރާ ގޮތުގެމަތީން ދެމަފިރިންނަށް، އެކެއް އަނެކެއްގެ ކިބައިން ޖިންސީ ލައްޒަތު ލިބުމުގެ ޙައްޤުވެއެވެ. ޚާއްޞަކޮށް ފިރިމީހާ އެކަމަށް ގޮވާލައިފިނަމަ، އެކަމަށް ވަގުތުން އިޖާބަދޭންޖެހޭނެއެވެ. މިކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. "لا تجد إمرأة حلاوة الإيمان حتى تودي حق زوجها ولو سالها نفسها وهي على ظهر قتب  " މާނައީ؛ "އަންހެނާއަށް އީމާންކަމުގެ މީރުކަން ލިބޭހުށީ ޖަމަލެއްގެ ބުރަކަށި މަތީގައި އެކަނބުލޭގެވަނިކޮށް ފިރިމީހާ އެކަނބުލޭގެއަށް އެދިގަތް ކަމުގައިވިޔަސް އެކަނބުލޭގެ ހަށިގަނޑުން ފިރިޔާގެ ޙައްޤު އަދާކުރުމަށްފަހުއެވެ." (ޢަބްދުﷲ ފަހްމީ ދީދީ، 2007).

4.2 – ދެމަފިރިންގެ ސިއްރުތައް ހާމަނުކުރުން:

ހުރިހާ ގޮތަކުންވެސް ފިރިމީހާގެ ސިއްރުވެރިޔާއަކީ އަނބިމީހާއެވެ. އަދިހަމަ އެހެންމެ އަނބިމީހާގެ ސިއްރުވެރިޔާއަކީ ފިރިމީހާއެވެ. ވުމާއެކު ދެމަފިރިންގެ ކިބާގައިވާ ޢައިބުތައް ސިއްރުކޮށް ވަންހަނާ ކުރުމަކީ ދެމަފިރިންނަށްވެސް ލިބިގެންވާ ޙައްޤެކެވެ. ކީރިތި ރަސޫލާ z ޙަދީޘް ކުރައްވާފައިވެއެވެ. " إن من أشر الناس عند الله منزلة يوم القيامة  الرجل يفضي إلى امرأته ، وتفضي إليه ، ثم ينشر سرها " މާނައީ؛ "ފިރިމީހާ އޭނާގެ އަނބިމީހާއާއެކު ނިދައި އަދި އަނބިމީހާވެސް ފިރިމީހާއާއެކު ނިދައި ހެދުމަށްފަހު ދެން އަނބިމީހާގެ ސިއްރުތައް ބޭޒާރުކޮށް މީސްތަކުންނަށް ފާޅުކޮށްހަދާ ފިރިހެން މީހާއީ ޤިޔާމަތް ދުވަހުން ﷲގެ ޙަޟުރަތުގައި ދަރަޖައިގެ ގޮތުން އެންމެ ނުބައި މީހުންކުރެ މީހަކުކަން ކަށަވަރެވެ." (ސަޙީހުލް މުސްލިމް، ކިތާބުލްނިކާހި).

5 – ނިންމުން:

ކުރުގޮތަކަށް ދަންނަވަނީނަމަ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންޖެހޭ ޙައްޤުތަކުގެ ތެރޭގައި ފިރިމީހާއަށް ޤަދަރުކޮށް އިޙްތިރާމްކުރުމާއި، ފިރިމީހާއަށް ކިޔަމަންވުމާއި، ފިރިމީހާގެ ތަކެއްޗަށް ރައްކާތެރިވެ ފަރުވާތެރިވުމާއި، ފިރިމީހާއަށް ޝުކުރުކުރުމާއި، ފިރިމީހާގެ އަބުރު ރައްކާތެރިކުރުމާއި، އަނބިމީހާއަށް އަދަބު ދިނުމުގެ ޙައްޤުތައް ހިމެނެއެވެ. ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި ކައިވެނީގެ ރަންއަދާކުރުމާއި، ރަނގަޅު ގޮތުގައި އަނބިން ގެންގުޅުމާއި، އަދަބުވެރިކުރުވުމާއި، ދީނީކަންކަމަށް ހޭލުންތެރިކުރުވައި، ދީންމަތީގައި ސާބިތުކުރުވުމާއި، އަނބީންގެ މެދުގައި ހަމަހަމަކުރުން ހިމެނެއެވެ. ދެމަފިރިންނަށް ހަމަހަމަވާ ޙައްޤުތަކުގެ ތެރޭގައި ޖިންސީ އަރާމު ލިބިގަތުމުގެ ޙައްޤާއި، ދެމަފިރިންގެ ސިއްރުތައް ހާމަނުކުރުން ހިމެނެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ވާޖިބަކަށް ވާންވާނީ މި ޙައްޤުތަކާއި ވާޖިބުތައް ވީއެންމެ ފުރިހަމަ ގޮތުގައި އަދާކުރުންމަތީ ދެމިތިބެ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވި މަޤުޞަދުތައް ފުރިހަމަކުރުމެވެ. މާތް ﷲ އަޅަމެން އެއްމެނަށް އެކަލާންގެ ރުހިވޮޑިގެންވާ މަގަށް މަގުދައްކަވާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ. އާމީން.

ހަވާލާ ލިސްޓް

ރައީސުލްޖުމުހޫރިއްޔާގެ އޮފީސް. (2008). ކީރިތިޤުރުޢާނުގެ ދިވެހިތަރުޖަމާ. ނެގީ (ފެބުރުއަރީ 02، 2013) http://www.presidencymaldives.gov.mv/quran/index.html ން.
އަބޫބަކުރު އިބުރާހީމް ޢަލީ. (2007). ދެމަފިރިން. މާލެ: ނޮވެލްޓީޕްރެސް.
ޢަބުދުﷲ ފަޙުމީދީދީ. (2007). ބާއްޖަވެރި އަންހެނާ. މާލެ: ނޮވެލްޓީޕްރެސް.
އަބޫދާއޫދު. (ނެތް). ކިތާބުލްނިކާހި. (ފެބުރުއަރީ 02، 2013) http://www.islamweb.net/hadith/display_hbook.php?bk_no=184&pid=438552&hid=1825 ން.
ސަޙީހުލް މުސްލިމް. (ނެތް). ކިތާބުލްހައްޖި. ނެގީ (ފެބުރުއަރީ 02، 2013) http://www.islamweb.net/hadith/display_hbook.php?hflag=1&bk_no=158&pid=41127 ން.
ސަޙީހުލް ބުޚާރީ. (ނެތް). ކިތާބުލްޖުމުޢަ. ނެގީ (ފެބުރުއަރީ 02، 2013) http://www.islamweb.net/hadith/display_hbook.php?indexstartno=0&hflag=1&pid=366196&bk_no=146&startno=1 ން.
ސަޙީހުލް މުސްލިމް. (ނެތް). ކިތާބުލްނިކާހި. (ފެބުރުއަރީ 02، 2013) http://www.islamweb.net/hadith/display_hbook.php?indexstartno=0&hflag=1&pid=41227&bk_no=158&startno=0 ން.
ނޯޓު: ސަޙީހުލް މުސްލިމް، ސަޙީހުލް ބުޚާރީ އަދި އަބޫދާއޫދު، މި ފޮތްތަކުން ނަގާފައިވާ ހަތަރު ހަދީޘް އެ ވެބްސައިޓްތަކުން ނަގައި ތަރުޖަމާކޮށްދެއްވީ އަލްފާޞިލް މަޒުހަރު ނަޢީމްއެވެ. (އެއީ 02 ފެބްރުއަރީ 2013ގައި).

No comments:

Post a Comment

Note: Only a member of this blog may post a comment.