އޯޕަން ޔުނިވަރސިޓީ މެލޭޝިޔާ
ފެކަލްޓީ އޮފް އެޑިޔުކޭޝަނަލް ސްޓަޑީސް
ED502
ދިވެހިބަސް
އާދަމް ޚަލީލް
ލެކްޗަރަރ: ޢަބްދުﷲ ޖަމީލް
ލަރނިންގ ސެންޓަރ: ވިލާ ކޮލެޖް
ޓްރިމެސްޓަރ: ސެޕްޓެމްބަރ 2012
ފިހުރިސްތު
މުޤައްދިމާ
ބަހެއް މަރުވެގެން ދިއުމަކީ ވަރަށްބޮޑު މައްސަލައެކެވެ. ސަބަބަކީ ބަސް ނެތިގެން ދިއުމުން އެ ބައެއްގެ ސަޤާފަތާއި އާދަކާދަތައް ނެތިގެން ދާނެ ކަމެއްކަން ޔަޤީނެވެ. މިހެންވެއްޖެނަމަ އެ ބަޔަކަށް ލިބިފައިވާ އަމިއްލަ ވަންތަކަން ގެއްލިގެން ދާނެއެވެ. ލިބިފައިވާ ނިޢުމަތެއް ނެތިގެން ދިއުމުން ނޫނީ އެ ނިޢުމަތެއްގެ އަގުވަޒަން ނުކުރެވޭނެއެވެ.
މި ދިރާސާ މަޒުމޫނުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ، ދިވެހިބަހާއި ބޭރު ބަސްބަހުގެ ފުންނާބު އުސް ބޭފުޅުން ބަސް މަރުވުމާއި ބެހޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. މި ގޮތުން ރާއްޖޭގެ އެކި ބަހުގެ އުސްތާޒުން ލިޔުއްވާފައިވާ ލިޔުއްވުންތައް ފަތްތޫރައިގެ އެކި ޢަދަދުތަކުން ހިމަނާފައިވާނެއެވެ. މި ލިޔުއްވުންތަކުގެ ތެރެއިން ގިނަ ލިޔުންތައް ބިނާވެފައިވަނީ ބޭރުބަހުގެ އިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށެވެ. މީގެ އިތުރުން ބޭރު ބަސްބަހުގެ މާހިރުން ކަމުގައިވާ ޑޭވިޑް ކްރިސްޓަލް ފަދަ ބޭފުޅުން ބަސްމަރުވުމާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތައް ހިމަނާފައިވާނެއެވެ.
މި މަޒުމޫނުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ބަސްމަރުވުމާ ބެހޭގޮތުން އެކިއެކި ބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. މި ގޮތުން ބަސް މަރުވާ ސަބަބުތަކާއި، ދިވެހިބަހުން މިހާރު ކުރެވޭ ބޭނުންތަކާއި، ދިވެހިބަސް މިހާރު އޮތް ޙާލަތަށް ބަލާލާފައިވާނެއެވެ.
ތަޢާރަފް
ބަހަކީ އިންސާނާގެ ހިތުގައި އުފެދޭ ޝުޢޫރުތައް އަނެކާއަށް ބުނެދިނުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ދިވެހިބަހަކީ ދިވެހިންގެ މާދަރީ ބަހެވެ. އަދި ދިވެހިންގެ ޤައުމިއްޔަތުގެ ނިޝާނެވެ. އާދެ، ދިވެހިންނަކީ އެއްބަހަކުން ވާހަކަ ދައްކާ އެއް ޤައުމެއްގެ ބައެކެވެ (މުޙަންމަދު ޝާހިދު ޙަލީމް، 2008). މިއީ މާތްﷲ ދިވެހިންނަށް ދެއްވި ގުނާ ޢަދަދު ނުކުރެވޭ ނިޢުމަތްތަކުގެ ތެރެއިން ވަރަށް އަގުހުރި ނިޢުމަތެކެވެ. ނަމަވެސް ހިތާމަހުރި ކަމަކީ ދިވެހިބަސް މަރުވުމުގެ ޢަލާމަތްތައް ފެންނަމުންދާތީއެވެ.
ބަސްމަރުވުމަކީ ބަހުން ވާހަކަދައްކާ މީހުން މަދުވަމުން ގޮސް އެ ބަހުން ވާހަކަދައްކާ މީހުން ނެތިގެން ދިއުމެވެ (ޑޭވިޑް ކުރިސްޓަލް، 2003).
އަޅުގަނޑު، ދިވެހިބަސް މަރުވުން މާނަކުރާގޮތަކީ، ދިވެހިބަހުގައި ހުރި ގަވާއިދުތައް ދޫކޮށް އެހެނިހެން ބަސްތައް ދިވެހިބަހަށް ވެއްދުމެވެ. އަދި ދިވެހިބަސް ދެކެ ފޫހިވުމާއި ދިވެހިބަހުން ވާހަކަދައްކަން ލަދުގަތުމެވެ.
އާދެ، މި މައްސަލައަކީ ވަރަށްބޮޑު މައްސަލައެކެވެ. ސަބަބަކީ ދިވެހިބަސް ނެތިގެން ދިއުމަކީ ދިވެހިންގެ ދިވެހިވަންތަކަމާއި، ސަޤާފަތާއި، އާދަކާދަތައް ނެތިގެންދާނެ ކަމެއްކަން ޔަޤީނެވެ. މިހެންވެއްޖެނަމަ، ދިވެހިންނަށް ލިބިފައިވާ އަމިއްލަ ވަންތަކަން ގެއްލިގެންދާނެއެވެ. އާދެ، ލިބިފައިވާ ނިޢުމަތެއް ނެތިގެން ދިއުމުން ނޫނީ އެ ނިޢުމަތެއްގެ އަގު ވަޒަންނުކުރެވޭނެއެވެ.
މި ދިރާސާ މަޒުމޫނުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ދިވެހިބަހާއި ބޭރުބަސްބަހުގެ ފުންނާބު އުސް ބޭފުޅުން ބަސް މަރުވުމާއި ބެހޭގުތުން ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. މި ގޮތުން ރާއްޖޭގެ އެކި ބަހުގެ އުސްތާޒުން ލިޔުއްވާފައިވާ ލިޔުއްވުންތައް ފަތްތޫރައިގެ އެކި ޢަދަދުތަކުން ހިމަނާފައިވާނެއެވެ. މި ލިޔުއްވުންތަކުގެ ތެރެއިން ގިނަ ލިޔުންތައް ބިނާވެފައި ވަނީ ބޭރުބަހުގެ އިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. މީގެ އިތުރުން ބޭރު ބަސްބަހުގެ މާހިރުން ކަމުގައިވާ ޑޭވިޑް ކްރިސްޓަލް ފަދަ ބޭފުޅުން ބަސްމަރުވުމާއި ބެހޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތައް ހިމަނާފައިވާނެއެވެ.
މި މަޒުމޫނުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ބަސްމަރުވުމާ ބެހޭގޮތުން އެކިއެކި ބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތަކެވެ. މި ގޮތުން ބަސް މަރުވާ ސަބަބުތަކާއި، ދިވެހިބަހުން މިހާރު ކުރެވޭ ބޭނުންތަކާއި، ދިވެހިބަސް މިހާރު އޮތް ޙާލަތަށް ބަލާލާނަމެވެ.
ބަހުގެ މާހިރުން ދިވެހިބަހާއި އެހެން ބަސްތައް މަރުވާން ދިމާވާ ތަފާތު ސަބަބުތައް ބަޔާންކުރައްވާފައިވެއެވެ.
ބަސް މަރުވާން ދިމާވާ ސަބަބުތައް:
ދުނިޔެ ބަވަނަވަމުން ދިއުން
ބަސް ނެތިގެން ނުވަތަ އުވިގެންދާ އެއް ސަބަބެއްކަމަށް ބެލެވެނީ ދުނިޔެ ބަވަނަ ވުމެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސިބަސް ދުނިޔޭގެ ބަހުގެ މަޤާމު ވަނީ ހޯދާފައެވެ. މިހާރު ދުނިޔޭގައި ވިޔަފާރިއާއި އެހެނިހެން ކަންކަމުގައި އެންމެ އިސްކޮށް ބޭނުންކުރެވެމުންދަނީ އިނގިރޭސިބަސްކަމުން އެހެނިހެން ބަސްތަކަށް ދެވޭ ސަމާލުކަންދަނީ ކުޑަވަމުންނެވެ (ޑޭވިޑް ކްރިސްޓަލް، 2003 އާއި ސަލިކޮކޮ އެސް. މުފްވެން، 2006). ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައި މީހުން ވާހަކަދައްކަނީ އިނގިރޭސި ބަހުންނެވެ. ޑޭވިޑް ކުރިސްޓަލް ވިދާޅުވާގޮތުގައި އިނގިރޭސި ބަސްވެސް ވަރަށް ބޮޑަށް ބަދަލުވަމުން އެބަދެއެވެ. އިނގިރޭސިބަސް މިހާ ބޮޑަށް ބަދަލުވަމުންދާ ސަބަބެއްކަމަށް ބެލެވެނީ ދުނިޔެ ބަވަނަވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން އެ ބަސް އަލަށް ދަސްކޮށް ބޭނުންކުރަމުން ދިއުމެވެ. މި ގޮތުން ސައުތު އެފްރިކާގެ އިނގިރޭސިބަސް ފޮތުގައި އިނގިރޭސިބަސް ދަންނަ އެހެން ބަޔަކަށް ނޭނގޭ ދިހަހާހެއްހާ ލަފްޒު އެބަހުއްޓެވެ (މުޙަންމަދު ވަހީދު މަޑުލު، 2007).
މާދަރީ ބަސް ރައްކާތެރިކުރުމުގައި ބަހުގެ އަޙުލުވެރިން އިހުމާލުވުން
ދިވެހިބަހަކީ ފަޤީރު ބަހެއް ނޫނެވެ. އެހެންނަމަވެސް ދިވެހިންގެ ޢަމަލުތައް ހުރިގޮތުން ދިވެހިބަސް ދަނީ ފަޤީރުވަމުންނެވެ. ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ނުހިތައި ހިތަށްއެރި ގޮތަކަށް ބަސް ބޭނުންކުރުމަކީ ބަސް ނިކަމެތިކޮށްލުމެވެ. މި ގޮތުން ބޭނުންކުރެވޭ ބައެއް ކުށްބަސްތަކުގެ ތެރޭގައި އައިސްދާނެ، ގޮސްފިއްޔާ ފަދަ ބަސްތައް ބޭނުންކުރެވެމުންދެއެވެ (ޒުލްފާ އިބްރާހީމް، 2009). އެއްވެސް ސަބަބެއްނެތި ބަހުގެ މުއްސަނދިކަން ދޫކޮށްލުމަކީ ހުތުރުކަމެކެވެ. ބަހުގައިހުރި ރީތި ބަސްތައް ދޫކޮށް ކުށްބަސް ބޭނުންކުރުމަކީ އެ މީހަކު އެ ބަހާ ހުރި ބީރައްޓެހިކަން ހާމަކޮށްދޭކަމެކެވެ (މުޙަންމަދު ޖަމީލް، 1987). ކުރީ ޒަމާނުއްސުރެ ދިވެހިބަސް ބޭނުންކުރެވެމުން އައިސްފައިވާ ހަމަތަކާއި އުޞޫލުތަކަށް ތަބާނުވުމަކީ އެ މީހަކު ބޭނުން ގޮތަކަށް ބަސް ބޭނުންކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. އެހެންވެއްޖެނަމަ، ދިވެހިބަސްވެސް އެހެނިހެން ބަސްތައް ފަދައިން ނެތިގެން ހިނގައިދާނެއެވެ (ޢަބްދުﷲ ޙަމީދު، 2006).
ދިވެހިބަހުން ވާހަކަދައްކާ މީހުން މަދުވުން
ދިވެހިބަސް ފަދަ ބަސްތައް ނެތިގެން ދިއުމަށް އޮތް އަނެއް ބިރަކީ މި ބަހުން ވާހަކަދައްކާ މީހުންގެ ޢަދަދުމަދުކަމެވެ. އެހެންކަމުން މިއީ ބަސް ދެމެހެއްޓުމަށްޓަކައި އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ (މުޙަންމަދު ޝާހިދު ޙަލީމް، 2008). މިސާލަކަށް ދަންނަވަނީނަމަ، 4 ނޮވެމްބަރ 1995 ގައި ކެމަރޫންގެ މަންޑީލާ ސަރަޙައްދުގައި ވާހަކަދައްކާ ބަސްތަކުގެ ތެރެއިން "ކަސަބާ" ބަހުން ވާހަކަދައްކާ އެންމެފަހު މީހާ "ބޮގޮން" ވަނީ ނިޔާވެފައެވެ. އޭނާ މަރުވުމުން މި ބަސް ވަނީ މަރުވެފައެވެ. އޭނާ ނިޔާވިއިރު އޭނާގެ ކުދިން ދުނިޔޭގައި ތިއްބެވެ. ނަމަވެސް މިއިން އެއްވެސް ކުއްޖަކަށް މި ބަހުން ވާހަކަދައްކާކަށް ނޭނގެއެވެ (ޔުމްނާ މައުމޫން، 2007).
ތަފާތު ވައްތަރުގެ ބަހުރުވަ އުފެދުން
ބައެއްގެ ބަހުރުވަ ތަފާތުވަމުންގޮސް ތަފާތު ބަސްތައް އުފެދެމުންދެއެވެ. މީގެ އެއް ހެއްކަކީ ފަރެންސޭސިވިލާތުގެ އުތުރުގައި ދިރިއުޅޭ މީހުންނާއި އިޓަލީވިލާތުގެ ދެކުނު ހިސާބުގެ މީހުންގެ ބަސްމަގު ތަފާތުވަމުންގޮސް މުޅިން މުސްތަޤިއްލު ދެ ބަސް އުފެދުނެވެ. ރާއްޖޭގައިވެސް ތަފާތުވައްތަރުގެ ބަހުރުވަތައް ބޭނުންކުރާ އަތޮޅުތައް އެބަހުއްޓެވެ. މި ގޮތުން ހައްދުންމައްޗާއި، ހުވަދުއަތޮޅާއި، ފުވައްމުލަކާއި، އައްޑުއަތޮޅުގެ މީހުން ވާހަކަދައްކާ ބަހުރުވަތައް ފާހަގަކޮށްލެވެއެވެ. މިސާލަކަށް ދަންނަވަނީނަމަ ހުވަދޫ މީހުން "ދާނީ" ކިޔުމުގެ ބަދަލުގައި ކިޔަނީ "ގަންބަނަބުދާ" އެވެ. ހައްދުންމަތީ މީހުން "ގިފިލީގެ" ބަދަލުގައި "މައިފިތް" އެވެ. މި ބަހުރުވަތަކަކީ އެއް އަތޮޅު މީހުން އަނެއް އަތޮޅު މީހުންނަށް ދޭހަނުވާ ވަރަށް ތަފާތުވެފައިވާ ބަހުރުވަ ތެކެއްކަމުން ކުރިމަގުގައި ތަފާތު ހަތަރު ބަސް ދިވެހިބަހުގެ އިތުރުން އުފެދުމަކީ ދުރުގައިވާ ކަމެއް ނޫނެވެ (ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، 2003).
ޖޯގްރަފީގެ ގޮތުންނާއި ޙާލަތު ބަދަލުވުމުން
ދުނިޔޭގައި ވާހަކަދައްކާ އުޅޭ އެއްވެސް ބަހަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. އިންސާނީ ދިރިއުޅުމަށް އަންނަ ތަފާތު ބަދަލުތަކާގުޅިގެން ބަސް ބޭނުންކުރެވޭ ގޮތް ބަދަލުވަމުންދެއެވެ. އިންސާނުންގެ މެދުގައިވާ ނަސްލީ، އިޤްތިޞާދީ، އިޖްތިމާޢީ، އަދި ޢިލްމީ ހޭލުންތެރިކަމުގެ ސަބަބުން ބަހަށް ބަދަލު އަންނަމުންދެއެވެ. މިފަދަ ބަދަލުތައް އަންނަނީ ލަސްލަހުން މަޑުމަޑުންނެވެ. އަދި ގިނަ ޒަމާންތަކެއް ފާއިތުވުމުން މި ބަދަލުތައް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ (ޑޭވިޑް ކްރިސްޓަލް، 2003 އާއި ޖޭމްސް ކްރޮފޯޑް، 1995).
ޒަމާން ބަދަލުވާ ވަރަކަށް ބަހަށް ބަދަލުއައުން
ބަހުގެ މާހިރުން ވިދާޅުވާގޮތުގައި ދުނިޔޭގަ މިހާރު ވާހަކަދައްކާ ގާތްގަނޑަކަށް 6800 ބަހުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބަސް މިޤަރުނުގެ ތެރޭގައި އުވިގެންދާނެއެވެ. އަދި 21 ވަނަ ޤަރުނު ނިމެންވާއިރަށް ދުނިޔޭގަ މީހުން ވާހަކަދައްކާ ބަސްތަކުގެ ތެރެއިން މައިގަނޑު ހައެއްކަ ބަސްނޫން އެހެންހުރިހާ ބަހެއް އުވިގެންދާނެއެވެ. ބަހެއް މަރުވަމުންދާއިރު ތިން މަރުޙަލާއެއް ކަޑަތުކުރެވެއެވެ. ފުރަތަމަ މަރުޙަލާއަކީ ތަފާތު ބޭނުމަށްޓަކައި ބޭރުބަހެއް ދަސްކުރަން ފެށުމެވެ. ދެވަނަ މަރުޙަލާއަކީ ބޭރުބަހާއި އަމިއްލަ މާދަރީ ބަހުން ވާހަކަދައްކަން ފެށުމެވެ. ތިންވަނަ މަރުޙަލާއަކީ ޒުވާނުން އަމިއްލަ މާދަރީ ބަހާމެދު ފޫހިވާން ފެށުމެވެ (ޑޭވިޑް ކްރިސްޓަލް، 2003). ދިވެހިބަސް ވަނީ މި ހުރިހާ މަރުޙަލާއެއް ކަޑަތުކޮށްފައެވެ.
ބަހާބެހޭ ގޮތުން މިޒަމާނުގައި ހޯދާފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ކޮންމެ 15 ދުވަހަކުން ބަހެއް މަރުވެއެވެ. ޒަމާން ބަދަލުވަމުން އައުމުން އެތައް ބަހެއްވަނީ އުފެދިފައެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އުފެދިފައިވާ ބަސްތަކުގެ ޢަދަދު އެތައް ލައްކައަކަށް އަރައެވެ. މިސާލަކަށް ބަލާއިރު ސޫމޭރިއަން ބަހަކީ އެ ބަހުން ލިޔެކިޔާ އުޅުނު ބަހެކެވެ. ނަމަވެސަ އެބަސްވަނީ އުވިގޮސްފައެވެ. ލެޓިންބަހާއި، ސާންސްކްރިތްބަހާއި، މުސްކުޅި ގްރީތް ބަހަކީވެސް ލިޔާ އަކުރު ހުރި ބަސް ބަހެވެ. ނަމަވެސް ޒަމާނާއެކު އެ ބަސްބަސް ވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. މި ޒަމާނުގައި އާ ބަހެއް އުފެދުމަކީ ނާދިރުކަމެއްކަމުގައި ވީނަމަވެސް ކުރީގެ ބަސްތައް ދަނީ މަރުވަމުންނެވެ (ޢަބްދުﷲ ފާރޫޤް ޙަސަން، 2008).
ބާރުގަދަ ޤައުމުތަކުގެ ބަސްތަކުގެ ނުފޫޒު
އިނގިރޭސިބަސް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި މުވާޞަލާތުކުރެވޭ ބަހަކަށްވެފައެވެ. އިންޓަރނެޓުގެ ޒަރިއްޔާއިން އިނގިރޭސިބަސް ވަނީ ވަރަށްބޮޑަށް ކުރިއަރާފައެވެ. ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެންމެ ގިނަ މީހުން މިހާރު ވާހަކަދައްކާ ބަހަކީ ޗައިނާ ބަހެވެ. ދެވަނައަށް އެންމެ ގިނަ މީހުން ވާހަކަދައްކާ ބަހަކީ އިނގިރޭސިބަހެވެ. ތިންވަނައަށް ސްޕެއިންބަހެވެ. މި ތިން ބަހުގެ އިތުރަށް ހިންދީބަހާއި، ޢަރަބިބަހާއި، އުރުދޫބަހާއި، ބަންގާޅުބަހާއި، ރަޝިޔާބަހާއި، ޕޯޗްގީޒްބަހާއި، ޖަޕާނުބަހާއި، ޖަރުމަނުބަހާއި، ފަރެންސޭސިބަހަކީވެސް ވަރަށްގިނަ މީހުން ވާހަކަދައްކާ ބަސްތަކެވެ. އެހެންކަމުން ކުދިކުދި ބަސްތައް ދަނީ ދުވަހުން ދަވަހަކަށް ހީނަރުވަމުންނެވެ (ޢަބްދުﷲ ފާރޫޤް ޙަސަން، 2005).
ޤުދުރަތީގޮތުން ބަސް ނެތިގެން ދިއުން
ބަހުގެ މާހިރުން ވިދާޅުވާގޮތުގައި ޤުދުރަތީ ޢާފާތްތަކުގެ ސަބަބުން ވަރަށް ގިނަ ޤައުމުތައްވަނީ ވުޖޫދުން ފުހެވިފައެވެ. އަދި އެބައިމީހުންނާއެކު އެބައިމީހުންގެ ބަސްތައްވެސް ވަނީ އުވިގޮސްފައެވެ. ބައެއް މީހުން ތަފާތު ޤުދުރަތީ ސަބަބުތަކަށްޓަކައި ޤައުމުދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކޮށް ހަދައެވެ. އަދި އެމީހުންގެ މާދަރީބަސް އެއްކޮށް ދޫކޮށްލައެވެ (ޖޭމްސް ކްރޮފޯޑް، 1995).
މި ސަބަބުތައް މިހެން ހުރިއިރު ދިވެހިބަހުން މިހާރުކުރެވޭ ބޭނުންތަކާއި ދިވެހިބަސް މިހާރު އޮތް ޙާލަތު ބަލާލުމަކީ ވަރަށް މުހިންމުކަމެކެވެ.
ދިވެހިބަހުން މިހާރުކުރެވޭ ބޭނުންތައް
ސްކޫލްތަކުގައި ދިވެހި އަދަބީ ޖަމްޢިއްޔާތައް އުފައްދައި އެ ޖަމްޢިއްޔާތައް ހިންގުމުގައި ދިވެހިބަސް ބޭނުންކުރެއެވެ. މި ގޮތުން ސްކޫލްކުދިން އަމިއްލައަށް ނޫސްލިޔެ ނެރެއެވެ. މި ނޫސްތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އަތޮޅުގެ ޢިއްޒަތްތެރިންގެ އަރިހަށް ޒިޔާރަތްކުރެއެވެ. ސްކޫލްތަކުގައި ކުދިންނަށް ދިވެހިބަހާއި އިސްލާމް މާއްދާތައް ކިޔަވައިދިމުނަށް ދިވެހިބަސް ބޭނުންކުރެއެވެ. އަދި ސްކޫލްތަކުގައި ބާއްވާ ޖަލްސާތަކުގައިވެސް ދިވެހިބަސް ބޭނުންކުރެއެވެ (އާދަމް ޝަރީފް، 2007).
ސަރުކާރުގެ އޮފީސްތަކުންކުރާ އިޢުލާންތަކާއި، ޚަބަރުތައް ދިވެހިބަހުން ލިޔެފައިހުރެއެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި، އެހެނިހެން އޮފީސްތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގައި ދިވެހިބަސް ބޭނުންކުރެއެވެ. މި ގޮތުން އޮފީސްތަކުގެ އިންޓްރާނެޓުގައި ދިވެހިބަސް ބޭނުންކުރެއެވެ (މުޙަންމަދު ޝާހިދު ޙަލީމް، 1999).
ދިވެހިބަހުގެ ތަފާތު ރޮނގުތަކުގެ ތެރޭގައި ލިޔުންތެރިކަމާއި، ޅެންވެރިކަމާއި، ވާހަކަދެއްކުންތެރިކަމުގައި ދިވެހިބަސް ބޭނުންކުރެއެވެ (ޢަބްދުﷲ ޙަމީދު، 2001). މީގެ އިތުރުން މަޒުމޫނާއި ވާހަކަ ލިޔުމުގައިވެސް ދިވެހިބަސް ބޭނުންކުރެއެވެ (މުޙަންމަދު ޢިޔާދު ޙަމީދު، 2001).
ރޭޑިޔޯ އަދި ޓީވީ މެދުވެރިކޮށް ތަފާތު އެކި ޚަބަރުތައް ފޯރުކޮށްދިނުމަށްޓަކައި ދިވެހިބަސް ދަނީ ބޭނުންކުރެވެމުންނެވެ (މުޙަންމަދު ޢިޔާދު ޙަމީދު، 2001). މީގެ އިތުރުން މީޑިޔާތަކުން ދައްކާ ޑްރާމާތަކާއި ފިލްމުތައް ދިވެހިބަހުން ތައްޔާރުކޮށް ޢާންމުންނަށް މުނިފޫހިފިލުވުމަށްޓަކައި ގެނެސްދެއެވެ (މުޙަންމަދު ޖަމީލް، 1989).
ދިރިއުޅުމުގެ ތަފާތު އެކި ކަންކަމުގައި ދިވެހިބަސް ދަނީ ބޭނުންކުރެވެމުންނެވެ. ޢާންމުންނާއި ޢާއިލާ އަދި ރަހުމަތްތެރިންނާއި މުޢާމަލާތުކުރުމުގައި ދިވެހިބަސް ބޭނުންކުރެއެވެ. މީގެ އިތުރުން ބޭނުންވާ ކަންކަން އަނެކާއަށް އަންގައި ދިނުމަށްޓަކައި ސިޓީ ފަދަތަކެތި ބޭނުންކުރެއެވެ. ފޯނުކުރުމާއި މެސެޖް ފޮނުވުމުގައިވެސް ދިވެހިބަސް ބޭނުންކުރެއެވެ. މީގެ އިތުރުން ބަހުގެ އެކި ދަރަޖަތައް ބޭނުންކޮށްގެން އެކި ޙާލަތްތަކުގައި ދިވެހިބަސް ބޭނުންކުރެއެވެ (ޢަބްދުﷲ ޙަމީދު، 2006).
ދިވެހިބަހާއި ދިވެހިބަހުގެ ގަވާއިދު ފޮތްތައް ލިޔެ ތައްޔާރުކޮށްފައި ހުންނަނީ ދިވެހިބަހުންނެވެ. މީގެ އިތުރުން ސްކޫލުކުދިން ކިޔަވައި ދިވެހިބަހުގެ ފޮތްތަކާއި އެހެނިހެން ދިވެހިބަހުގެ އަދަބީ ފޮތްތައް ދިވެހިބަހުން ލިޔެފައިހުރެއެވެ. (ޢަބްދުﷲ ޙަމީދު، 2006)
ވަޒީފާދޭ ފަރާތްތަކުން ވަޒީފާއަށް މީހުން ވެއްދުމަށްޓަކައި ދިވެހިބަހުން ތަފާތު ފެންވަރުގައި އިންޓަވިއުކޮށްހަދައެވެ. މި ގޮތުން ވަޒީފާއަށް އަންނަ މީހާގެ ދިވެހިބަހަށް ހުރި ޤާބިލުކަން ތަފާތު ސުވާލުތައް ކޮށްގެން ދެނެގަނެއެވެ (ޢަބްދުﷲ ޙަމީދު، 2006).
ދިވެހިބަހަކީ އެހެނިހެން ބަސްތައް ފަދައިން އަޑުއަހާ މީހުންނަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާ ބަހެކެވެ. ރާއްޖެއަށް ތާޢާރަފްވެފައިވާ ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމާއި އެ ޕާޓީތަކުގެ ޚަބާރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހިބަސް ބޭނުންކުރެއެވެ. ދިވެހިބަސް ވެފައިވަނީ ސިޔާސީ ގޮތުން ކުރިއެރުމަށްޓަކައި އަދި މަޝްހޫރުވެ އެހެން މީހުންގެ އިޙްތިރާމާއި ލޯބި ހޯދައިދޭ ވަރަށް ވަރުގަދަ ހަތިޔާރެއްކަމުގައެވެ. މި ގޮތުން "ސިޔާސީ ބަހުރުވަ" ބޭނުންކުރެވެމުންދަނީ ދިވެހިބަހުގެ އެހީގައެވެ (ހަބީބާ ޙުސައިން ހަބީބް، 2006).
ސަރުކާރުންނާއި އެހެނިހެން އަމިއްލަ ޖަމާޢަތްތަކުން ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދިވެހިބަސް ބޭނުންކުރެއެވެ. ދީނީ ނަޞޭހަތް ޢާންމުންނަށް ފޯރުކޮށްދިނުމުގައި ދިވެހިބަސް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. މި ގޮތުން ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާވަނީ ދިވެހިބަހުން ލިޔެވި ޢާންމުކުރެވިފައެވެ. ދިވެހިން ޢަމަލުކުރުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ލިޔެފައިވަނީ ދިވެހިބަހުންނެވެ. މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ދިވެހިބަސް ބޭނުންކުރެއެވެ (މުޙަންމަދު ޒަކަރިއްޔާ، 2007).
ދިވެހިބަހުގެ ޙާލަތު
ދިވެހިބަހުގެ ޙާލަތަށް ބަލާއިރު ފާހަގަކުރެވޭ ރަނގަޅު ކަންތައްތަކެއް ހުރިއިރު ނޭދެވޭ ކަންތައްތަކެއް ހުރިކަންވެސް ފާހަގަކުރެވެއެވެ.
ފާހަގަކުރެވޭ ރަނގަޅުކަންތައް
ދިވެހިބަހުގެ ޙާލަތަށް ބަލާއިރު ބޭރުގެ ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށްފައިވެއެވެ (ޢަބްދުﷲ ޙަމީދު، 2007). ދިވެހިބަސް އުވިގެން ދިޔަ ނުދިއުމަށްޓަކައި ތަފާތު މުބާރާތްތަކެއްވަނީ ބޭއްވިފައެވެ. އަދި ތަފާތު ދިވެހިބަހުގެ ކޯސްތައް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން ކުރީގެ ފްލޯކް ވާހަކަތައް ހޯދައި އެއްކުރުމާއި، އިހުގެ އަންބާތަކާއި، ކާތައް ހޯދައި އެއްކޮށް ދިރާސާކޮށް ބަސް ކިޔަވައިދޭ މީހުން އިތުރަށް ތަމްރީންކޮށް ދިވެހިބަހުގެ ގަވާއިދުތައް އެކުލަވާލައި ދިވެހިބަހުގެ ތަފާތު ބަހުރުވަތައް ދިރާސާކޮށް ޗާޕްކުރެވި ޢާންމުކުރެވެމުންދެއެވެ (މަޑުލު މުޙަންމަދު ވަހީދު، 2006).
ސްކޫލުތަކުގައި ދިވެހިބަހާއި އިސްލާމް މާއްދާ ކިޔަވައިދިނުމާއި މި މާއްދާތަކުގެ އިމްތިޙާނު ދިވެހިބަހުން ބާއްވައެވެ. މީގެ އިތުރުން ސްކޫލްތަކުގެ އަދަބީ ހަރަކާތްތަކުގައި ބޭނުންކުރުމުގެ ސަބަބުން ދިވެހިބަހަށް ދަރިވަރުން އަހުލުވެރިވެއެވެ. ދިވެހިބަހުން ކުޑަކުދިންނަށް އަމާޒްކޮށްގެން ފޮތްތައް ލިޔެވިފައިވާ ކަންވެސް ފާހަގަކުރެވެއެވެ (އާދަމް ޝަރީފް، 2007).
ދިވެހިބަސް ކުރިއެރުވުމަށްޓަކައި ތަފާތު ފެންވަރުގެ މަޒުމޫނުތަކާއި، ވާހަކަތައް ލިޔެފައިވެއެވެ. ޚާއްޞަކޮށް ދިވެހިބަހުން ލިޔެވެމުންދާ ޅެންތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މީޑިޔާތަކުން ދަނީ ދިވެހިބަސް ބޭނުންކުރަމުންނެވެ. ނޫސްތަކާއި ރިޕޯޓްތައް މެދުވެރިކޮށް ރޭޑިޔޯއާއި ޓީވިގެ ޒަރިއްޔާއިން ދިވެހިބަސް ބޭނުންކުރެވެމުން ދިއުމަކީ ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ހެއްކެކެވެ (މުޙަންމަދު ޢިޔާދު ޙަމީދު، 2001).
ފާހަގަ ކުރެވޭ ނޭދެވޭ ކަންތައްތައް
ދިވެހިބަހުގެ ޙާލަތަށް ބަލާއިރު، ވަރަށް ގިނަ ނޭދެވޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އަދި ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތައް ދޫކޮށްލައި ކުށްބަސްތައް ބޭނުންކުރެވެމުންދާކަން ފާހަގަކުރެވެއެވެ. މި ގޮތުން ދިވެހިބަހުގައި ބޭނުންކުރާ އައިބައި ފިއްޔާއި އެއިބެއި ފިލި ފަދަ އެއްޗެއްސަކީ ރަނގަޅު ގޮތުގައި ބޭނުންކުރެވޭ އެއްޗެއްސެއްނޫނެވެ (ޢަބްދުﷲ ޙަމީދު، 2002).
ރާއްޖޭގައި ގިނަ ޢަދަދެއްގެ ބިދޭސީން ދިރިއުޅުމުގެ ސަބަބުން ދިވެހިބަހަށް ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ދިވެހިބަހަށް ކުރިން އައިސްފައިނުވާ އާ ކުށްބަސްތައްވަނީ ތަޢާރަފުވެފައެވެ. ގިނަ ބިދޭސީންގެ ގާތުގައި ހުރުން، އޮތުން، އިނުން ބޭނުންކުރެވެނީ މުޅިން ގޯސް ކޮށެވެ. އެ މީހުންގެ ގާތުގައި އެއީ ތިބޭ އެއްޗެކެވެ، މިސާލަކަށް ބުނާނަމަ ފިހާރައިގައި ހަކުރު ތިބެނީއެވެ (މަޑުލު މުޙަންމަދު ވަހީދު، 2007).
އޯލެވެލް އަދި އޭލެވެލް ހަދާފައި ތިބި ބައެއް ދަރިވަރުންނަކީ ދިވެހިބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ބައެކެވެ. މި ގޮތުން ބައެއް ކުދިން ވަޒީފާއަށް ވަނުމަށް ސިޓީއެއް ލިޔަން ޖެހުނަސް ނުވަތަ ފޯމެއް ފުރަންޖެހުނަސް ގިނަފަހަރު މި ކަންތައް ކުރަނީ ކޮންމެވެސް އެހެން މީހެއްގެ އެހީގައެވެ (އާދަމް ޝަރީފް، 2007).
ރާއްޖޭގައި ކުޑަކުދިންނަށް ދިވެހިބަހުން ވާހަކަދެއްކުން ވަނީ އުނދަގޫ ކަމަކަށްވެފައެވެ. މި ކަމުގެ ސަބަބުތައް ވަރަށް ގިނައެވެ. މައިންބަފައިން ދަރިން ކުޑައިރު އިނގިރޭސި ބަހުން ވާހަކަދައްކަން އިސްކަން ދިނުމާއި، އިނގިރޭސިބަސް ދިވެހިބަހުގެ ބަދަލުގައި ހުރިހާ މުޢާމަލާތެއްގައިވެސް ބޭނުންކުރުން ހިމެނެއެވެ. ބައެއް ކުދިންނަކީ މަންމަ ނުވަތަ ބައްޕަ ކިޔުމުގެ ބަދަލުގައި މަމީ ނުވަތަ ޑެޑީ ކިޔައިދޭ ކުދިންނެވެ (މުޙަންމަދު ޝާހިދު ޙަލީމް، 1999).
ދައުލަތުގެ ބައެއް ލިޔުންތަކާއި އިޢުލާންތައް މިހާރަކަށް އައިސް ދިވެހިބަހުން ލިޔުމުގެ ބަދަލުގައި އިނގިރޭސިބަހުން ލިޔެވޭކަމީ ހިތާމަހުރިކަމެކެވެ. ދިވެހިންނަށް ފޯރުކޮށްދެންޖެހޭ މަޢުލޫމާތު އިނގިރޭސިން ލިޔެފައި ހުރުމުގެ ސަބަބުން މި މަޢުލޫމާތުތައް ލިބެންޖެހޭ ފަރާތްތަކަށް އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދެވޭކަން ފާހަގަކުރެވެއެވެ (މުޙަންމަދު ޝާހިދު ޙަލީމް، 1999).
ކުރީގައި ދިވެހިން ޢާންމުކޮށް ކިޔަވައި އުޅެނީ ޢަރަބި ބަސްކަމުން ޢާންމުކޮށް ދިވެހިން ސޮއިކޮށްއުޅެނީ ޢަރަބިބަހުންނެވެ. ނަމަވެސް މިހާރު އިނގިރޭސިބަސް ބޭނުންކުރެވޭވަރު އިތުރުވުމުން މި ސޮއިތައް ކުރެވެމުންދަނީ އިނގިރޭސިންނެވެ. ހިތާމައަކީ ދިވެހިން ދިވެހިބަހުން ސޮއިކޮށް އުޅޭ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމެވެ. އިނގިރޭސި ނުދަންނަ މީހާވެސް ސޮއިކޮށް އުޅެނީ އިނގިރޭސި އަކުރުތައް ބޭނުންކޮށްގެންނެވެ (މުޙަންމަދު ޝާހިދު ޙަލީމް، 1999).
ހުޅަނގާއި، އުތުރާއި، އިރާއި، ދެކުނު ދިވެހިބަހުން ބުނެދޭން ނޭނގޭ މީހުންނާއި ހިސާބު ބައެއް ޢަދަދުތައް ދިވެހިބަހުން ބުނަން ނޭނގޭ މީހުން ދިވެހިންގެ ތެރޭގައި ވަރަށް ގިނައެވެ. ދިވެހިބަހުގައި އަތޮޅު ބޭނުންކުރުމަށް އޮތް އިރު އެޓޯލް ބޭނުންކުރާ މީހުން މަދެއްނޫނެވެ. ދައުވަތު ކާޑެއް ނުވަތަ ސިޓީއެއް ލިޔުނު ކަމުގައިވިޔަސް ދިވެހިބަހުން ލިޔެވޭކަމަކަށް ނުވެއެވެ. މި ކަންކަމަކީ ދިވެހިން ދިވެހިބަހާމެދު ފޫހިވަމުންދާކަން އަންގައިދޭ ކަންކަމެވެ (މުޙަންމަދު ޝާހިދު ޙަލީމް، 1999).
ސިޔާސީ ޕާޓީތަކާއި ނޫސްވެރިންގެ ވާދަވެރިކަން ދުވަހަކަށްވުރެ ދުވަހެއް މިދަނީ އިތުރުވަމުންނެވެ. ޕާޓީތަކުގެ މެންބަރުން އެހެން މީހުނަށް ނަމޫނާ ދެއްކެވުމުގެ ބަދަލުގައި ތަފާތު ކުށްބަސް ބޭނުންކުރެއެވެ. ރައްޔިތުންގެ މަޖިލީހުގައި ދިވެހިބަހުން ވާހަކަދައްކައި ބަހުސްކުރެވޭއިރު ދިވެހިބަހުގެ ގަވާއިދުތަކާއި ޚިލާފު ބަސްތައް ބޭނުންކުރެއެވެ. ދިވެހިބަހުގައި ރީތި ބަހުން ވާހަކަދެއްކެން ހުރިއިރު އެ ގޮތްތައް ދުކޮށްލައި އެންމެ ހުތުރު ގޮތްތައް ބޭނުންކުރަމުންދެއެވެ. ނޫސްވެރިންނަކީ ތެދު މަޢުލޫމާތު އިންޞާފުވެރިކަމާއެކު ފޯރުކޮށްދޭން ތިބޭ ބަޔަކަށްވީރު، ހިތާމަހުރި ކަމަކީ ބައެއް ނޫސްތައްވަނީ "ވަކަރުގޭ" ބަހުރުވައިން ލިޔެފައެވެ. އެހެންކަމުން މި ކަންކަމީ ދިވެހިބަހުގެ ޙާލަތު ވަރަށް ދަށު ދަރަޖައަކަށް ދިއުމަށް ކުރިމަތިވެފައިވާ ކަންކަމެވެ (މުޙަންމަދު ޒަކަރިއްޔާ، 2007).
ނިންމުން
ބަހުގެ މާހިރުން ބަސް މަރުވަމުންދާ ކަމަށް ތަފާތުބޮޑެތި ސަބަބުތަކާއި ހެކިތައްވަނީ ގިނަ ދިރާސާތަކުގެ އަލީގައި ހާމަކުރައްވާފައެވެ. މި ގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމީ ދުނިޔެ ބަވަނަވަމުން ދިއުމާއި، މާދަރީބަހަށް ބަހުގެ އަޙުލުވެރިން އިޙުމާލުވުމާއި، ތަފާތު ބަހުރުވަތައް އުފެދުމާއި، އިންސާނީ ޙާލަތު ދުވަހަކަށްފަހު ދުވަހެއް ބަދަލުވަމުން ދިއުމާއި، ޒަމާން ބަދަލުވަމުން ދިއުމާއި، ބާރުގަދަ ބަސްތަކުގެ ނުފޫޒު މާދަރީބަހަށް ކުރުމެވެ.
ދިވެހިބަހުން މިހާރު ކުރެވޭ ބައެއް ބޭނުންތަކަށް ބަލާއިރު، ސްކޫލްތަކުގައި ކިޔަވައިދިނުމަށް ދިވެހިބަސް ބޭނުންކުރުމާއި، ލިޔުންތެރިކަމާއި، ޚަބަރުފަތުރާ ވަޞީލަތްތަކުގައި ދިވެހިބަސް ބޭނުންކުރުމާއި، ދިރިއުޅުމުގެ ޢާންމު ބޭނުންތަކަށް ދިވެހިބަސް ބޭނުންކުރުމާއި، ދިވެހިބަހުގެ ފޮތްތައް ލިޔުމަށް ދިވެހިބަސް ބޭނުންކުރުމާއި، ސިޔާސީ ކަންކަމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދިވެހިބަސް ބޭނުންކުރެއެވެ.
ދިވެހިބަހުގެ ޙާލަތަށް ބަލާއިރު، ފާހަގަކުރެވޭ ބައެއް ރަނގަޅުކަންތަކުގެ ތެރޭގައި ބޭރުގެ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި، ދިވެހިބަހުގެ ކޯސްތަކާއި މުބާރާތްތައް ކުރިއަށްގެންދިއުމާއި، ދިވެހިބަސް ދިވެހި ކުރުމާއި، ކުޑަކުދިންނަށް ބޭނުންވާ ވާހަކަތައް ތައްޔާރުކުރުމާއި، ޅެންހެދުމާއި، ޚަބާރާއި، މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހިބަސް ބޭނުންކުރުން ހިމެނެއެވެ. ހަމައެއާއެކު ދިވެހިބަހުގެ ޙާލަތަށް ބަލާއިރު، ފާހަގަކުރެވޭ ނޭދެވޭ ކަންތައްތަކުގެ ތެރޭގައި ދިވެހިބަހުގެ ހަމަތަކާއި އުޞޫލު ދޫކޮށްލައި، ދަރިވަރުންގެ ފެންވަރު ދަށްވުމާއި، ދިވެހިބަސް މުހިންމުކަމަށް ނުދެކުމާއި، އިނގިރޭސިބަސް ޢާންމުވުމާއި، ޕާޓީތަކާއި ނޫސްވެރިކަމުގެ ވާދަވެރިކަން އިތުރުވެ ދިވެހިބަސް ހީނަރުވަމުން ދިއުން ހިމެނެއެވެ.
ކުރު ގޮތަކަށް ދަންނަވަނީނަމަ، ބަހުގެ މާހިރުން ބަހެއް ނެތިގެން ދާނެކަމަށް ފާހަގަކުރައްވާފައިވާ ގިނަ ސަބަބުތަކެއް ދިވެހިބަހުންވެސް ފެންނަންހުރިކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިހުރިހާކަމަކަށް ބަލާއިރު ދިވެހިބަސް މަރުވަމުންދާ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ރިފަރެންސް ލިސްޓް
ޙަބީބާ ޙުސައިން ޙަބީބް. (2006). މުޖުތަމަޢަށް ތަޢާރަފްވަމުންދާ ނާތަހުޒީބީ ބަހުރުވަ. ފަތްތޫރަ، 329، ޞ.40-44.
ނާހިދާ މުޙަންމަދު. (2005). ދިވެހިބަސް ކުރިއަރުވަން މުޙަންމަދު ޢަމީން ކުރެއްވި މަސައްކަތްޕުޅު. ފަތްތޫރަ، 313، ޞ.19-25.
އަޙްމަދު ޝަރީފް. (2007). ދިވެހިބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި، ސްކޫލްތަކުން ދިވެހިބަހަށްދޭ ސަމާލުކަން އިތުރުކުރަންޖެހެއެވެ. ފަތްތޫރަ، 337، ޞ.46-48.
ޢަބްދުﷲ ޙަމީދު. (1997). ދިވެހިބަސް ދިވެހިކުރުމުގެ މަސައްކަތް. ފަތްތޫރަ، 223، ޞ.3-5.
ޢަބްދުﷲ ޙަމީދު. (2001). ދިވެހިބަހަށް ދިވެހިންގެ ސަމާލުކަން. ފަތްތޫރަ، 262، ޞ.3-4.
ޢަބްދުﷲ ޙަމީދު. (2003). އިނގިރޭސިބަހަށް މޮޅުވެވޭނީ މާދަރިބަސް އެނގިގެންނެވެ. ފަތްތޫރަ، 295، ޞ.3-4.
ޢަބްދުﷲ ޙަމީދު. (2003). ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރުން. ފަތްތޫރަ، 294، ޞ.3-4.
ޢަބްދުﷲ ޙަމީދު. (2006). ބަސްވެސް އަޚްލާޤީ މިންގަނޑަކަށް ފެއްތުން. ފަތްތޫރަ، 327، ޞ.3-4.
ޢަބްދުﷲ ޙަމީދު. (2007). ތަރުޖަމާކުރުން. ފަތްތޫރަ، 338، ޞ.3-4.
ޢަބްދުﷲ ޙަމީދު. (2010). ބަހުގެ މުހިންމުކަން. ފަތްތޫރަ، 283، ޞ.3-4.
ޢަބްދުﷲ ފާރޫޤް ޙަސަން. (2005). ބަސްބަހުގެ ކުރިއެރުމާއި ދަށަށް ދިއުން. ފަތްތޫރަ، 320، ޞ.27-31.
ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު. (2003). ބަހާއި ބަހުރުވައިގެ އިން ސަރަޙައްދު. ފަތްތޫރަ، 295، ޞ.26-33.
މުޙަންމަދު ޖަމީލް. (1989). ބަސް ހަރުދަނާކުރުމަށް އެހީތެރިވެލައްވާށެވެ. ފަތްތޫރަ، 119، ޞ.3-5.
މުޙަންމަދު ޝާހިދު ޙަލީމް. (1999). ދިވެހިބަހަކީ ތިންވަނަ ސާސްކަފުގައި ދިވެހިންނަށް ބޭނުން ބަހެއްބާ؟. ފަތްތޫރަ، 245، ޞ.24-29.
މުޙަންމަދު ޢިޔާދު ޢަމީން. (2001). ދިވެހިބަސް ހަރުދަނާކުރުމުގައި ލިޔުންތެރިންގެ މަސްއޫލިއްޔަތު. ފަތްތޫރަ، 262، ޞ.45-48.
މުޙަންމަދު ޒަކަރިއްޔާ. (2007). ދޫ ދިގުވުން-ބަހަށް ގެއްލުން. ފަތްތޫރަ، 338، ޞ.15-19.
މުޙަންމަދު ޝާހިދު ޙަލީމް. (2008). ބަދަލުވަމުންދާ ދުނިޔޭގައި ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުން. ފަތްތޫރަ، 348، ޞ.44-47.
މަޑުލު މުޙަންމަދު ވަޙީދު (2006). ބަހުގެ ވާހަކަ. ފަތްތޫރަ، 333، ޞ.20-23.
މަޑުލު މުޙަންމަދު ވަޙީދު. (2007). ބަސްބަހަށް އަންނަ ބަދަލު. ފަތްތޫރަ، 342، ޞ.12-15.
ސަލިކޮކޮ އެސް. މުފްވެން. (2006). ހައު ލޭންގުއޭޖް ޑައި. ޗިކާގޯ: ޔުނިވަރސިޓީ އޮފް ޗިކާގޯ. ނެގީ (އޮކްޓޫބަރު 17، 2012) http://humanities.uchicago.edu/faculty/mufwene/publications/HOW_LANGUAGES_DIE.pdf ން.
ޑޭވިޑް ކްރިސްޓަލް. (2003). ލޭންޖުއޭޖް ޑެތު. އެމެރިކާ: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. ނެގީ (އޮކްޓޫބަރު 17، 2012) http://catdir.loc.gov/catdir/samples/cam032/99053220.pdf ން.
ޒުލްފާ އިބްރާހީމް. (2009). ދިވެހިބަހަކީ ފަޤީރު ބަހެއް ނޫނެވެ. ފަތްތޫރަ، 369، ޞ.14.
ޔުމްނާ މައުމޫން. (2007). ދިވެހިބަހުން ވާހަކަދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟. ފަތްތޫރަ، 337، ޞ.16-23.
ޖޭމްސް ކްރޮފޯޑް. (1995). އެންޑޭންޖަރޑް ނޭޓިވް އެމެރިކަން ލޭންގުއޭޖަސް. ބައިލިންގުއަލް ރިސަރޗް ޖަރނަލް، 19، ޞ. 17-38. ނެގީ (އޮކްޓޯބަރ 17، 2012) http://www.ncela.gwu.edu/files/rcd/BE021828/Endangered_Native_American.pdf ން.
No comments:
Post a Comment
Note: Only a member of this blog may post a comment.